ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނުގެ ދިރިއުޅުއްވުމުން ވަގުތީގޮތުން އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ބަދަލުކުރައްވައިފިއެވެ.
ނަޝީދު އިއްޔެ ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާ އަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ތިން އަހަރަށް އެ ސިޓީއަކީ އެމަނިކުފާނުގެ ގެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ސީވީއެފްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓުތައް ލިބި، އެ މަސައްކަތްތައް ފުރިހަމަކާއެކު ކުރެއްވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނަޝީދު އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރުގެ ދެވަނަ ދުވަހުއެވެ.
ސީވީއެފްގެ މިހާރުގެ ރިޔާސަތަކީ ގާނާ އެވެ.
ނަޝީދު، މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ވަގުތީގޮތުން ސިޔާސީ މައިދާނާ ދުރަށްޖެހިވަޑައިގެންފައިވާ ކަމަށެވެ.


