ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މިއަދު ހެނދުނު ދިން ހަމަލާ އާއި ގުޅިގެން އެމްޑީޕީ އިން ސަރުކާރަށް ފާޑު ކިޔައިފި އެވެ.
މިއަދު ނޫރު މިސްކިތް ކައިރިން ޝަމީމަށް ހަމަލާ ދީފައިވަނީ މަރުތޭލަކުންނެވެ. މި ހަމަލާގައި ޝަމީމްގެ އޭނާގެ ވައަތުގެ އުޅަނބޮށި ތިރިއަށް ވަނީ އަނިޔާވެފަ އެވެ.
މިކަމާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޝަމީމަށް މަގުމަތިން ދިން މި ހަމަލާ ހަރުއަޑުން ކުށްވެރި ކޮށްފަ އެވެ.
އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެން ފަހުން ރައްޔިތުންނަށާއި ދުސްތޫރީ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އަދާކުރައްވާ ފަރާތްތަކަށް ދެވެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގައި އިހުމާލުވެވަޑައިގެންފަކަމަށް ބުނެ އެ ޕާޓީއިން ވަނީ ސަރުކާރަށް ފާޑު ކިޔާފަ އެވެ.
މީގެއތުރުން އެމްޑީޕީ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްވެސް އެ މެމްބަރުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ދިނުމުގަ އާއި ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައި މާރާމާރީ މަދުކުރެވިފައިވަނިކޮށް، ރައީސް ޑރ މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންފަހުން މާރާމާރީތައްވެސް އިތުރުވެފައިވާކަމަށް ބުނެފަ އެވެ.
އަދި މި ސަރުކާރުގައި މިފަދަ އަނިޔާވެރި އަދި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ޖެހިލުމެއްނެތި ހަމަލާތައް ދެވެނީ ސަރުކާރުގެ އިސްވެރިންނާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ އޮންނަ ގާތް ގުޅުންތަކާހުރެ އެ ކުށްކުރާ ގްރޫޕްތަކަށް މި ސަރުކާރުން ދޭ ހިމާޔަތުގެ ސަބަބުން ކަމަށް އެމްޑީޕީއިން ވަނީ ތުހުމަތު ކޮށްފަ އެވެ.
ހަމައެހެންމެ އެމްޑީޕީއިން ވަނީ ޕީޖީއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގާ, ދައުލަތުގެ ވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ އަދި އެމަނިކުފާނަށް ހަމަލާ ދިން ފަރާތްތައް ހޯދާ އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސް ޑރ. މުއިއްޒަށް ގޮވާލައްވާފަ އެވެ.
އަދި މި ސަރުކާރުން މި ސަރުކާރާ ރާއްޖޭގައި ކުށްކުރާ ގްރޫޕްތަކާ ގާތްގުޅުމެއް އޮންނަ ކަމަށްބުނެ، އެ މީހުންނަށް ދެމުންދާ ހިމާޔަތާއި ރައްކާތެރިކަން ހުއްޓާލުމަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ.
ޕީޖީ ޝަމީމަށް މިއަދު ދިން ހަމަލާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ކުށްވެރި ކުރައްވާފަ އެވެ. އަދި ސިޔާސީ މަގުސަދެއްގައި ދޭ އަނިޔާވެރި ހަމަލާތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ޖާގަ ދެވިގެން ވާނެ ކަމެއް ނޫން ކަމަށައި، ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެ މަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.
އެމްޑީޕީގެ އިތުރުން ޑިމޮކްރެޓްސް އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ.


