Tuesday, 28 July 2026

ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަށް ހާއްސަ ލެބޯޓްރީއެއް ގާއިމުކުރަނީ

ދިވެހިބަހާއި، ޘަޤާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓަރ އާދަމް ނަޞީރު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިކްސިންއާ ބައްދަލުކުރައްވައި، ސަޤާފީ ޙިމާޔަތްކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރ ކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި މިނިސްޓަރ ނަސީރު ވަނީ ރާއްޖޭގެ ސަގާފީ ތަރިކައާ ގުޅުންހުރި މުހިންމު ތާރީޚީ ތަކެތި އަލުން އިއާދަކޮށް ހިމާޔަތްކުރުމަށް ހާއްސަ ލެބޯޓްރީއެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެޤައުމުގެ ސަގާފީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ރާއްޖެއަށް ބޭނުންވާ ބައެއް އެހީތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ނަސީރު ވަނީ ރާއްޖޭގެ އިހުގެ ތާރީހުގައި ހިމެނުނު ބައެއް ތަކެތި ހަލާކުވަމުން ދަނީ ކަމާ ގުޅޭ ލެބޯޓްރީއެއް ނެތުމުން ކަމަށް ވިދާޅުވެފަ އެވެ.

އަދި ރާއްޖޭގެ ގައުމީ ތާރީހު ހިމާޔަތް ކުރުމަށް އެޅި ފިޔަވަޅަށް މަރުހަބާ ވިދާޅުވެ ޗައިނާ ސަފީރު ވަނީ އެފަދަ ލެބޯޓްރީއެއް ގާއިމުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ. އަދި ދެ ޤައުމުގެ ކްލެސިކަލް ލިޔުންތައް ތަރުޖަމާކުރުމާއި ޝާއިޢުކުރުމާބެހޭ އެއްބަސްވުމެއް ޤާއިމުކުރުމާ ބެހޭގޮތުންދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހަމައެހެންމެ މިއުޒިއަމް އިމާރާތް މަރާމާތުކޮށް ތަރައްޤީ ކުރުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސަފީރު ވަނީ މިނިސްޓަރަށް އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *