Tuesday, 28 July 2026

ރުހުން ދިނުމުގެ ޖަލްސާ ކުރިއަށް ނުގެންދެވި، މެދުކަނޑާލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ބައެއް ބޭފުޅުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލިހުގެ ތަޅުމުން އެ ކަމާ މެދު ގޮތެއް ކަނޑައަޅަން މިއަދު ބާއްވަން އުޅުނު މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެން މެދުކަނޑާލައިފި އެވެ.

މިއަދު އެމްޑީޕީން ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައި، ތްރީލައިން ވިޕެއް ނެރެފައެވެ. އެ ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ.

ވަޒީރުންނަށް ރުހުންނުދިނުމަކީ ސަރުކާރު ހިންގުމަށް ހުރަސްއެޅުން ކަމަށް ބުނެ ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ ނޫސްބަޔާނެއް ވެސް ނެރެފައެވެ. އެ ކޯލިޝަނުން ބުނީ، ރައީސް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުންދިނުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުގެ މިދިޔަ ތިންވަނަ ދައުރު ހަމަވުމުގެ ކުރިން ވެސް ތަޅުމަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާކުރިއެވެ. އެކަމަކު، އޭރު ކޮމިޓީން ފޮނުވި ރިޕޯޓު ފުރިހަމަނުވާ ކަމަށް ބުނެ، މަޖިލީހުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލައިފައެވެ.

ޖަލްސާ މެދުކަނޑާލާފައިވާ ކަން މަޖިލީހުގެ އިދާރާ އިން ބުނެފައިވާއިރު، ބައެއް މެންބަރުން ވެސް ވަނީ މަޖިލިސް އިދާރާ ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ މެންބަރުންނާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވޯޓު ޖަލްސާ ހުއްޓުވާފައިވާއިރު، ސަރުކާރަށް ތާއީދު ކުރާ ސަޕޯޓަރުންނާ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަޖިލިސް ދޮރުމަތީގައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ގޮވާލަމުން އަންނަނީ ވަޒީރުންނަށް ރުހުން ދިނުމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *