ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމި ނިންމުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.
މަޖިލީހުގައި 1:30 ގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ނިންމާފައިވާއިރު، އެމްޑީޕީން ވަނީ މި ހަތަރު ވަޒީރުންނަށް ރެޑް ލައިން ވިޕެއް ނަގާފައެވެ.
އަދި ޑިމްކޮރެޓްސް އިން ވެސް ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައިފަ އެވެ. ރުހުން ނުދޭން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.
ޑރ. ޝަހީމް މީސް މީޑިޔާގައި ކުރެއްވި ޕޯސްޓުގައި ވަނީ މުންނާރުތައް ވައްޓައި ނުލެވޭނެ، އިސްލާމީ ކިއްލާތައް ފޫއަޅުވައެއް ނުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޑރ. ޝަހީމަށް ރުހުން ނުދޭން ނިންމުމާއެކު ގިނަ ބަޔަކު ވަނީ މީސް މީޑޔާގައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. އޭގެތެރޭގައި ޑިމޮކްރެޓްސްގެ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ވެސް ހިމެނެ އެވެ.
ލޫކަސް ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. ޝަހީމްގެ ވަޒީރުކަމުގެ ދަށުން އިދާރީ އަދި ހިންގުމުގެ ވަރަށް ގިނަ ރަނގަޅު ބަދަލުތަކެއް ގެނެސްދީ، ގެންނަމުންދާ ކަމަށެވެ.
އަދި ޝެއިޙް ޝަފީއު އަބްދުﷲ ވެސް ވަނީ "ޑރ. ޝަހީމަށް ރުހުން ނުދޭން އުޅެނީ އިސްލާމީ ވުޒަރާއިން އެ މަނިކުފާނު އިސްލާމްދީނަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ހުއްޓުވުމުގެ ނިޔަތުގައިތޯ" ސުވާލުކުރައްވާ "އެހެން އިތުރު ސަބަބެއް/ ޙުއްޖަތެއް އެބަ އޮތްތޯ" ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
މީގެއިތުރުން މި ޤައުމުގައި އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅަކީ ޑރ. ޝަހީމް ކަމާއި މެދު އެއްވެސް ޝައްކެއް ނެތްކަމަށް ޝެއިޙް ޝަފީއު ވިދާޅުވި އެވެ.
މީގެއިތުރުންވެސް ގިނަ ބަޔަކު ވަނީ ޑރ. ޝަހީމްއަކީ ވަރަށް ރަނގަޅު މިނިސްޓަރެއްކަން ފާހަގަކޮށްފަ އެވެ.


