ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުން ކަމުގައި ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީ އިން ބުނެފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު އެޖެންޑާކޮށްފައި އޮތީ މިއަދު 1:30 އަށެވެ. އިދިކޮޅު ޑިމޮކްރެޓްސް އާއި އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފަ އެވެ.
ޕީޕީއެމް ޕީއެންސީ އިން ނެރެފައިވާ ބަޔާންގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގާނޫނީ ގޮތުން ރައްޔިތުން އިންތިހާބު ކުރައްވާފައި ހުންނަވާ ބޭފުޅަކު، އެމަނިކުފާނުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް ހިންގެވުމަށްމަށް ބޭނުންވާ ވުޒާރާތަކާއި، އިދާރާތައް އުފެއްދެވުމާއި، އެ ވުޒާރަތަކާއި، އިދާރަތައް ހިންގެވެމުމަށް ގާބިލް ބޭފުޅުން އައްޔަން ކުރެއްވުން އެއީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއް ކަމަށެވެ.
"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
އެ ޕާޓީން ބުނީ މިނިސްޓަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަކީ ސިޔާސީ ޕާޓީތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ގަބޫލުކުރާ ކަމަށެވެ.
އިދިކޮޅު ޑިމޮކްރެޓްސް އިން ވަނީ ހަތަރު ވަޒީރަކަށް ރުހުން ނުދޭން ނިންމައިފަ އެވެ. ރުހުން ނުދޭން ނިންމާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.


