Tuesday, 28 July 2026
ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް -- ފޮޓޯ: މޯލްޑިވްސް ރިޕަބްލިކް

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމައިފި

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓްގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާގައި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މިއަދަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޑިމޮކްރެޓުން ބުނީ އެ ޕާޓީ ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު ޕާޓީން ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.

އެހެންކަމުން މި ސަރުކާރުގެ ކެބިނެޓްގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

އެކަމަކު ރުހުން ނުދޭން ނިންމީ ކޮން މިނިސްޓަރުންތަކަކަށް ކަމެއް އެ ޕާޓީން އަދި އާއްމެއް ނުކުރެ އެވެ.

ޑިމޮކްރެޓުން ބުނީ ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ މިނިސްޓަރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ޑިމޮކްރެޓްސް އިން ބުނީ އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މަޖިލީހުގައި އެ ޕާޓީން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމި އިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޕާޓީން މިއަދު 10:00 ގައި ޕީޖީ ބައްދަލުވުމެއް ބޭއްވުމަށް ފަހު މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ގޮތެއް ނިންމާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *