ލިޔުނީ: އާމިނަތު އަމީރާ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގެ މައްސަލައަށް އިއްޔެގެ ވަގުތެއްގައި އ.ދ ގެ އެންމެ މަތީ ކޯޓުންވަނީ ޙުކުމްކޮށްފައެވެ. މި މައްސަލައާއި ގުޅިގެން އައި.ސީ.ޖޭއިންވަނީ ކުއްލި ވަގުތީ ފިޔަވަޅުތަކެއް ކަނޑައަޅައި އެއާ އެއްގޮތަށް ޢަމަލުކުރުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.
އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން ކޮށްފައިވާ ޤަތުލުއާންމުގެ މިތުހުމަތުތަކާއި ގުޅިގެން އައި.ސީ.ޖޭގެ ރައީސް ޖޮއާން ޑަނޮޔޫ ވިދާޅުވެފައިވަނީ އެ މައްސަލައާއި ގުޅޭގޮތުން އެކަށީގެންވާ ހެކި ކޯޓަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ކޯޓުން ބޭރުނުކުރާނެކަމަށް. އައި.ސީ.ޖޭއިން ވަނީ ޖުމުލަ 9 (ނުވައެއް) ވަގުތީ ފިޔަވަޅުތަކެއް ކަނޑައަޅައި ތަންފީޒުކުރުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.

އައި.ސީޖޭއިން ހުކުރު ދުވަހު އިއްވި އަޑުއެހުމުގައި، ވަގުތުން ވަގުތަށް ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް އަމުރުކޮށްފައި ނުވާއިރު، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްނޭޅުމަށާއި، ކޯޓުން ނެރުނު އަމުރުތައް ދަމަހައްޓާގޮތުގެ މަޢުލޫމާތު 1 (އެކެއް) މަސް ދުވަސް ތެރޭގައި އަނބުރާ ކޯޓަށް ހުށަހެޅުމަށްވެސް އިސްރާއީލަށްވަނީ އަންގާފައެވެ.
އައި.ސީޖޭގެ މި ނިންމުމާއި ބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވާނީ، އެއީ ހައްދުފަހަނައަޅާފައިވާ ނިންމުމެއް ކަމަށާއި އެހެން ޤައުމުތަކެކޭ އެއްފަދައިން އިސްރާއީލުންވެސް ދަނީ އެމީހުންގެ ދިފާޢުގައި ހަނގުރާމައެއް ކުރަމުންކަމަށެވެ. އަދި ބައިނަލްއަގުވާމީ ޤާނޫނުތަކަށް ބޯލަނބައި އިސްރާއީލުން އެމީހުންގެ ބިމާއި ރައްޔިތުން ދިފާޢުކުރުމުގައި ދެމިހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
ކޯޓުގެ މި ނިންމުމާއި މެދު ފަލަޞްޠީނުގެ ޚާރިޖީ ވަޒީރު ރިޔާދު މާލިކީ ވިދާޅުވެފައިވަނީ، 1948 ވަނަ އަހަރުގެ ޖެނޯސައިޑް ކޮންވެންޝަންއާއި ޚިލާފުނުވާކަމަށް އިސްރާއީލަށް ކޯޓަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި އައި.ސީ.ޖޭގެ ފަނޑިޔާރުންނަށް އިސްރާއީލުގެ ނޭއްގާނީކަމާއި ދޮގުވެރިކަން ފެނިފައިވާކަމަށެވެ. އަދި ދެކެނު އެފްރިކާއިން ހުށަހެށި ހުށަހެޅުންތަކުގެ ސައްޙަކަން ދެނެގަނެ ވަގުތީ ފިޔަވަޅުތައް އެޅުމަށް ފަނޑިޔާރުން އަމުރުކޮށްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް އިސްރާއީލު ހިމެނޭހެން އައި.ސީ.ޖޭގެ އަމުރަށް އިޙްތިރާމުކުރުމަށްވެސް ހުރިހާ ޤައުމުތަކަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.
ދެކުނު އެފްރިކާއިން އައި.ސީޖޭގެ މި ނިންމުން ސިފަކުރައްވާފައިވަނީ "ކާމިޔާބު ނިންމުމެއް" ގޮތުގައެވެ. އެގޮތުން ދެކުނު އެފްރިކާގެ ސަރުކާރުން ނެރެފައިވާ ބަޔާނުގައިވަނީ، ކޯޓުން ނެރެފައިވާ ވަގުތީ ފިޔަވަޅުތަކަށް މަރުޙަބާ ކިޔާ ކަމަށާއި، އިސްރާއީލުގެ ފަރާތުން ކޯޓުން ނެރެފައިވާ އަމުރުތަކަށް ދެކޮޅުހެދުމަށް މަސައްކަތް ނުކުރާނެކަމަށް އުންމީދުކުރާކަމަށެވެ. އަދި މި ޙުކުމަކީ ފަލަޞްޠީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށާއި ދެކުނު އެފްރިކާއިން އަބަދުވެސް ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ދުނިޔޭގެ އެކިއެކި މުއައްސަސާތަކުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާނެކަމަށްވެސް ބަޔާނުގައިވެއެވެ.

އައި.ސީ.ޖޭގެ ނިންމުމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ތާޢީދުކުރަމުންދާއިރު ދުނިޔޭގެ އެކި ޚަބަރު ފަތުރާ ވަޞީލަތްތަކުން ދަނީ މި ނިންމުމާއި މެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (ބީ.ބީ.ސީ) އިން ވަނީ އައި.ސީ.ޖޭގެ މި ނިންމުމަކީ ދެކުނު އެފްރިކާއަށާއި ފަލަޞްޠީނަށް ލިބުނު "ފުރިހަމަ ކާމިޔާބީ"އެއް ނޫންކަމަށް ބުނެފައެވެ. އައި.ސީ.ޖޭއިން އިސްރާއީލުން ޢަމަލުކުރުމަށް 9 (ނުވައެއް) ވަގުތީ ފިޔަވަޅުތަކެއް ނެރެފައިވީނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ކޯޓުން އަމުރުކޮށްފައިނުވާކަމަށްވެސް ބީ.ބީ.ސީއިން ބަޔާންކޮށްފައިވެއެވެ. ނަމަވެސް ކޯޓުގެ އެ ޑިމާންޑުތައް ތަންފީޒުކުރެވިއްޖެނަމަ، އިސްރާއީލުގެ އަސްކަރީ ކެމްޕޭނުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ފާހަގަކޮށްފައިވެއެވެ. ބީ.ބީ.ސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިޔަން އާބާދީގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންވަނީ ގެދޮރު ގެއްލި ހާލުގައިޖެހިފައެވެ.


