Tuesday, 28 July 2026

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކުރިއަށް އޮތް ހަ މަސް ތެރޭގައި ކަނޑައަޅާނަން – އާޒިމް

މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދު ކުރިއަށް އޮތް ހަ މަސް ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު އާދަމް އާޒިމް މިއަދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ މާލެ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދުގެ އަދަދު ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ މާލޭގައި ވެހިކަލް ދުއްވޭނެ އަދަދު ކަނޑައަޅަން ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ޓްރާންސްޕޯޓް މިނިސްޓްރީއާވެސް ވާހަކަ ދެކެވިފައިވަނީ މިކަމުގެ މަސައްކަތްތައް ކުރުމަށް. އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިކަންކަމުގައި އެހީތެރިކަން ދެއްވޭނެ ކަމަށް. އަދި ޓްރާންސްޕޯޓް މިނިސްޓަރު އަމީންއާ ވެސް ފޯނުން ވާހަކަދެކެވި މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް މާލެ ހެދުމަކީ އެންމެ ބޮޑު އަމާޒެވެ.

މޭޔަރު ވިދާޅުވީ މާލޭގައި ހުރި ގަރާޖުތަކުގެ މައްސަލަތައްވެސް ހައްލުކުރަން ޖެހިފައިވާ ކަމަށާއި މިކަމަށް ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ބޮޑު އިސްކަމެއް ދީގެން ކުރައްވާނެ ކަމަށެވެ.

މޭޔަރު ކަމަށް ވާދަކުރައްވައި އާޒިމް މާލޭގެ ރައްޔިތުންނަށް ހުށަހެޅި މެނިފެސްޓޯގައި، މާލޭގެ ވެހިކަލްތަކުގެ މައްސަލަ ހައްލުކޮށް މާލެ ހިތްފަސޭހަ ތަނަކަށް ހެދުން ހިމަނާފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *