މާލޭގެ މޭޔަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އާއި ކައުންސިލް މެމްބަރު ކަމަށް އިންތިހާބުވި ތިން ބޭފުޅުން މަގާމުގެ ހުވާ ކުރައްވައިފި އެވެ.
މޭޔަރު އާޒިމްގެ އިތުރުން، މާލެއަށް އަލަށް ހޮވުނު ތިން ކައުންސިލަރުންނަށް ހުވާލައިދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.
އެ ރަސްމިއްޔާތުގައި މޭޔަރު އާޒިމްގެ އިތުރުން ދެން ހުވާކުރައްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްގެ އަދި އެމްޑީޕީ ޓިކެޓުގައި އިންތިހާބުވި އަހުމަދު ރިޝްވާން އެވެ.
ނިމުނު ސަރުކާރުގައި މަގާމުތައް ލިބުނު ކައުންސިލަރުން އިސްތިއުފާ ދެއްވުމާއެކު ހުސްވި ގޮނޑިތަކާއެކު މޭޔަރު ހޮވުމަށް މިމަހުގެ 13ގައި ބޭއްވި އިންތިޚާބު މޭޔަރުއާޒިމް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެގޮތުން އާޒިމަށް 7,621 ވޯޓު ލިބުނުއިރު އާޒިމާއަށް ލިބުނީ 5،031 ވޯޓެވެ.


