Tuesday, 28 July 2026

ބަލި މީހުން އުފުލާ ނިޒާމު އިސްލާހުކުރުމަށް ރައީސް އަންގަވައިފި

ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމުގެ ނިޒާމު އިސްލާހު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ރައީސް އޮފީހުން ނެރުނު ބަޔާނެއްގަ އެވެ.

އެ ކުއްޖާ ނިޔާވީ މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ތުހުމަތު ކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

އީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ޚަބަރު ރައީސް އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވެވަޑައިގަތުމާއެކު ކަމަށް ބުނެފައެވެ. މި ހިތާމަވެރި ވަގުތުގައި، 13 އަހަރުގެ އެ ކުއްޖާގެ މައިންބަފައިންނަށާއި ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ރައީސް އޮފީހުން ބުނީ، ބަލި މީހުން ގެނައުމުގެ ނިޒާމު އިސްލާހު ކުރުމުގެ އިތުރުން، ޖާހުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު އެ މަނިކުފާނަށް ދެއްވުމަށް ސަރުކާރުގެ އިދާރާތަކަށް ރައީސް އަންގަވާފައިވާ ކަަމަށެވެ.

"މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާހުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފަ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު މި ސަރުކާރު އައި ފަހުން ބޭނުން ނުކުރާ މައްސަލައާ ގުޅިގެންނެވެ. ނަމަވެސް، ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *