ހާލުދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މިއަދު ނިޔާވެއްޖެ އެވެ.
އެނގިފައިވާގޮތުގައި ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން 13 އަހަރުގެ މި ފިރިހެން ކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުއްޖާ މާލެ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާޓަރު ފްލައިޓެއް ހަމަނުޖެހި ލަސްވުމުންނެވެ. ވިލިނގިލި ހޮސްޕިޓަލުން ކުރަންޖެހޭ ކަންކަން ނިންމިއަސް، މޯލްޑިވިއަން އެއާލައިންގެ ފްލައިޓު ކޫއްޑު އަށް ދިއުން ލަސްވެ، އިތުރު ފަރުވާ އަށް ކުއްޖާ ފޮނުވާލުން ލަސްވީ ކަމަށް ވެސް ބުނެފައި ވެއެވެ.
މިކުއްޖާ މާލެ ގެނައުން ލަސްވެގެން މިދިޔަ ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ބަޔަކު ވަނީ ވިލިނގިލި އަތޮޅު ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާވެސް ކޮށްފަ އެވެ.
ނިޔާވި ކުއްޖާއަކީ އެރަށު ސްކޫލްގައި ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރެކެެވެ.


