ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރައްވާކަމަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ.
ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާފަ އެވެ.
އަދި ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރު ކުރެއްވިއެވެ.
ނައިބު ރައީސް ވަނީ މި ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަން ފާހަގަކުރައްވައި، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް އިސްރާއީލުގެ މިއަމަލުތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް މައްސަލަ ހުށަހަޅާފައިވާތީ އެކަމަށް އެމަނިކުފާނު ތަޢުރީފު ކުރައްވާފަ އެވެ.
ގެ އިތުރުން އެމަނިކުފާނު ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްޙަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް، އެކަންކަމަށް ބާރުއަޅައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، ފަލަސްޠީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ނައިބު ރައީސް ގޮވާލެއްވި އެވެ.


