ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި މި ގަވައިދުގައިވާ ގޮތުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅު ރަށްރަށުގެ ތެރެއިން ރަށެއްގެ ނުވަތަ ސިޓީއެއްގެ އިހްތިޞާސްގައި ނުހިމެނޭ ފަޅުރަށެއް ނުވަތަ ފަޅުރަށުން ބައެއް ހޯދުމަށް އެދި ކައުންސިލްތަކުން ހުށަހަޅާއިރު، އެ ރަށެއްގައި ކުރަން ބޭނުންވާ ކަމެއްގެ ތަފްސީލީ ރިޕޯޓެއް ހުށަހަޅަން ޖެހެއެވެ.
އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އިހްތިޞާސްގައި ނެތް ފަޅު ރަށެއް ކައުންސިލަކަށް ދޫކުރާނީ 10 އަހަރަށެވެ.
ބީލަމުގެ އުސޫލުން، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ނުވަތަ، ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ފަޅުރަށެއް ހޯދަން އެދި، ހޮވިއްޖެނަމަ އެ ރަށެއް ދޫކުރަނީ 21 އަހަރަށެވެ.
ގަވާއިދުގައިވާ ގޮތުގައި ފަޅު ރަށެއް ހޯދުމަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކުރަން ޖެހޭނެ އެވެ. އަދި ކައުންސިލަށް ރަށް ދޫކުރަށް އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.
ރަށު ކައުންސިލް ނުވަތަ ސިޓ ކައުންސިލުގެ އިހްތިޞާސްގައި ނުހިމެނޭ ފަޅުރަށްތަކުގެ ތެރެއިނ،ް މި ގަވާއިދުގެ ދަށުން ދޫކުރާނެ ފަޅު ރަށްރަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަވައިދުގައިވެެއެވެ.
ގަވައިދުގެ ދަށުން ކައުންސިލްތަކަށް ދޫކުރާ ރަށްރަށުގައި ކުރެވޭނެ ކަންކަން:
- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން
- ތަކެތި ގުދަންކުރުން
- ކުކުޅާއި ގެރިބަކަރި ފަދަ ތަކެތި ގެންގުޅުން
- ދޫނި ގެންގުޅުން
- މަސްކައްކައި ހިއްކުން
- ލޮނުމަހުގެ މަސައްކަތް ކުރުން
- ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން
- އެކުއަކަލްޗަރުގެ މަސައްކަތް ކުރުން
- ފާނަކޮށި އެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން
- ދިރޭމަސް ގެންގުޅުން
- އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން
- ފައިބަރުގެ މަސައްކަތް ކުރުން
- ވަޑާމުގެ މަސައްކަތް ކުރުން
- ވާކްޝޮޕް ހެދުން
- އެޅިގަލުގެ މަސައްކަތް ކުރުން
- ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ޚިދުމަތް ދިނުން
- ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން


