އދ. ދިގުރަށުގައި ކުއްޖަކު ވިހެއަކުމަށް ފަހު ކޮތަޅަކަށް ލާފައި ކުނިގޮނޑަށް އެއްލާލި ސްރީ ލަންކާގެ އަންހެން މީހާގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް އިއްޔެ ފޮނުވައިފި އެވެ.
އެ މައްސަލާގައި ދައުވާ ކުރީ ސްރީލަންކާގެ ހިރަންޏާ ކުމުދުމާލީ ޑި އަލްވިސްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި, އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އަދި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި ކުއްޖާ ފެނިފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު ހެނދުނު، ދިގުރަށު ކުނިގޮނޑަށް ކޮތަޅަކަށް ލާފައި އެއްލާލާފައިވަނިކޮށެވެ. ކުއްޖާގެ މަންމަ، ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ހައްޔަރުކޮށްފައިވަނީ ލަންކާއަށް ފުރަން އެއާޕޯޓަށް ގޮސް ހުއްޓަ އެވެ. އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، ޕީޖީން އޭނާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވީ އިއްޔެ އެވެ.
އެ މައްސަލާގައި ހިރަންޏާގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރީ, ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައި ވާތީ އެވެ.
ދައުވާގައި ތުހުމަތުކޮށްފައިވާ ގޮތުން ހިރަންޏާ އެ ކުއްޖާ ވިހެއީ އޭނާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅުމަށްފަހު ޑިސެމްބަރު 1ވަނަ ދުވަހުގެ ރޭ 10:00 އިން ޑިސެމްބަރު 3 ވަނަ ދުވަހުގެ ފަތިހު 5:00 އާ ދެމެދު އެވެ. އޭނާ ކުއްޖާ ވިހެއީ ދިގުރަށު ގެއެއްގެ ކޮޓަރިއެއްގައި ހުންނަ ފާހާނައިގެ ތެރޭގައި ފާހާނާތަށި ތެރެއަށެވެ.
ވިހެއުމަށްފަހު އޭހާ ވަނީ ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި, ކޮތަޅުތަކަކަށް ލައިގެން ގެންގޮސް، އެ ދުވަހު ފަތިހުދިގުރަށް ފަރީދީ މަގަށްވާގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލައިލި އެވެ.
ޕީޖީން ވަނީ ހިރަންޏާގެ މައްޗަށް ތިން ދައުވާއެއް ކޮށްދިނުމަށް އެދިފަ އެވެ.
-
އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ؛ މި ކުުށުގެ އަދަބަކީ 10 އާއި 25 އަހަރަށް ޖަލަށް ލުން
-
ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ؛ މި ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުން
-
އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ؛ މި ކުށުގެ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުން


