އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާއުކޮށް ރައްކާތެރިކުރުމަށާއި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ "ޕްލެޓްފޯމްތަކާއި ވަސީލަތްތައް" އެމްއެންޑީއެފްއަށް ހޯދަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ސިފައިން އެންމެ ޒަމާނީ ވަސީލަތް ހޯދަން މަސައްކަތް ފަށާފައި މިވަނީ ރާއްޖޭގައި މެޑިވެކް އަދި ރެސްކިއު އޮޕަރޭޝަން ތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި ސިފައިން ރާއްޖެއިން ބޭލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި، ރާއްޖޭގެ ސަރަހައްދާއި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރަން އެމްއެންޑީއެފްއާ މަތިކޮށްފައިވާ ގާނޫނީ ޒިންމާ އާއި ކާރިސާތަކުން ރައްކާތެރިވުމާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސްހޫލިއްޔަތު މަތިކޮށްފައިވާ ކަމަށް ބަޔާނާކޮށްފައިވެ އެވެ.
އަދި ބުނެފައިވަނީ ސިފައިންނަށް ޒަމާނީ ވަސީލާތްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާނެ ކަމަށެވެ.
ހަމައެއާއެކު، ދައުލަތުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ރާއްޖެއިން އަދާކުރަން ޖެހޭ ޒިންމާތަކެއް ހިމަނާފައިވާއިރު ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި ރާއްޖޭގެ ސަރަހައްދުގައި ހިނގާފާނެ ޓްރެފިކިން އާއި މެރިޓައިމް ޓެރަރިޒަމް ފަދަ ކުށްތައް ހުއްޓުވުމަކީ ވެސް ސިފައިންގެ ޒިންމާއެއް ކަމަށް ބަޔާނުގައިވެއެވެ.


