Tuesday, 28 July 2026

ކުއްލި ފަރުވާ ދެވޭގޮތަށް ސޯޝަލް ސެންޓަރުގައި ފެސިލިޓީއެއް ޤާއިމްކޮށްފި

ދިވެހި ކުޅިވަރު ކުޅުންތެރިންނަށް ފަރުވާދޭނެ މިނިމަމް މެޑިކަލް ރިކުއަޔަރމަންޓްސް ފެސިލިޓީގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހުކޮށް ދެއްވައިިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ފެސިލިޓީ އިފްތިތާޙްކޮށްދެއްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރަން ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ސިއްހީ މިންގަނޑެއްގައި ގާއިމުކޮށްފައި ހުންނަންޖެހެއެވެ. ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމްކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނެއެވެ.

މިއީ ސަރުކާރުގެ ހަފްތާ 14 ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޅިވަރާ ގުޅުންހުރި ހަތް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ. މި މަސައްކަތުގެ ދަށުން ސޯޝަލް ސެންޓަރުގައި ވަނީ ކުއްލި ހާލަތެއްގައި ފަރުވާ ލިބޭނެގޮތަށް ހާއްސަ ފެސިލިޓީއެއް ޤާއިމުކޮށްފައެވެ. އަދި ކޯޓު ތެރޭގައި ވަނީ ކުއްލިއަކަށް ދިމާވާ ހިތުގެ މައްސަލަތަކާއި ބޮޑެތި އަނިޔާތަކަށް އަވަސް ގޮތެއްގައި ފަރުވާދޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވީ ކުޅިވަރުތައް ކުރިއެރުވުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އަދި މިއަދަކީ ގައުމީ އަދި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަށް ސަރުކާރުން ވީ ވައުދު ފުދިގެންދާ ދުވަސް ކަމުގައި ރާފިއު ވިދާޅުވިއެވެ.

ރާފިޢު ވިދާޅުވީ މި ފެސިލިޓީ މެދުވެރިކޮށް ހަފްތާއަކު ތިން ދުވަހު ތެރަޕީ ހެދުމުގެ ފުރުސަތު ދިވެހި އެތުލީޓުންނަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ވެބްސައިޓެއް ތައާރަފްކުރާއިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެހީތެރިކަމާއެކު މިކަމަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ފެސިލިޓީގައި އެމެރިކަން ހާޓް އެސޯސިއޭޝަނުގެ މިންގަނޑުތަކާ އެއްގޮތަށް ތަމްރީނުވެފައިވާ ސިއްހީ އެހީތެރިން ތިބޭނެއެވެ. ސިއްހީ އެހީތެރިން ތަމްރީނުކޮށްދޭނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު އެވެ.

ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާހްކޮށް ދެއްވުމަށްފަހު ރައީސް އެތަން ބައްލަވާލެއްވިއެވެ. މީގެއިތުރުން ސޯޝަލް ސެންޓަރުގައި ފަށާ މިއަހަރުގެ ބާސްކެޓްބޯލް ސީޒަން ހުޅުވުމުގެ ގޮތުން ބޭއްވި އެގްޒިބިޝަން ބާސްކެޓް ބޯޅަ މެޗެއް ވެސް ރައީސް ބައްލަވާލެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *