Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވާހަކަފުޅުދައްކަވަނީ

މާރޗް 15 ކުރިން އިންޑިއާ ސިފައިން ބޭލުމަށް ހުށަހަޅައިފި

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން، މާޗު މަހުގެ 15 ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ، އިންޑިއާ ސިފައިން މާޗް 15 ގެ ކުރިން ބާލަން ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާއަކަށް ނަންގަވާފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިިން ބޭލުން ކަމަށެވެ. މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭ މަޝްވަރާ މިއަދު ހަވީރާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

ނާޒިމް ވިދާޅުވީ ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުބޭތިއްބުންކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބިކަމަށް މީގެކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މިއަދު ފޮރިން މިނިސްޓްރީގައިވެސް ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާގުޅޭ މަޝްވަރާތައް ދެގައުމުގެ ދެމެދުގައި ކުރިއަށް ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *