ތައިލެންޑާއި ދުބާއީން ދިވެހިންނަށް އާސަންދަ ސްކީމުގެ ދަށުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތްކު އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ޕްރެސް ސްޓޭޓްމަންޓުގަ އެވެ.
ރައީސް ވިދާޅުވީ އާސަންދަ އަކީ ހަމައެކަނި "ވަކި ގައުމެއް" ގައި ހުންނަ މެޑިކަލް ފެސިލިޓީތަކުން ލިބޭ އެއްޗަކަށްވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމުގެ މަސައްކަތް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ އަދި ނިންމާފައިވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި، ވަކި ދިމާލެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ ތައިލެންޑަށާއި ޔޫއޭއީއަށް އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާގެ ކޮޗިން އާއި ޓްރިވަންޑްރަމުގައި އާސަންދައިގެ ދަށުން ފަރުވާ ހޯދަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ގައުމުތަކަށް އާސަންދަ ފުޅާކުރާނީ އެކޮމޮޑޭޝަން ހަރަދުތައް ވެސް ހިމެނޭ ގޮތަށެވެ. އަދި އޭރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވަންދެން ދިވެހިން ދާނީ ފެންވަރުގެ ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގެ ހޮސްޕިޓަލު ތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނޑޫ، ހަކުރު ފުށް ވެސް އެންމެ ދިމާލަކަށް ދެން ބަރޯސާ ނުވާނެ ކަމަށާއި އެ ތަކެތި ރާއްޖެއަށް ގެނައުމަށް ތުރުކީއާ އެކު ވެސް އެއްބަސްވުން ހަދާފައިވާ ކަމަށެވެ. ރާއްޖެއަށް ކުރިން މި ތަކެތި ގެނައީ މައިގަނޑު ގޮތެއްގައި އިންޑިއާ އިންނެވެ.


