Tuesday, 28 July 2026

ޗައިނާއިން ރާއްޖެއަށް ގާތްގަނޑަކަށް 130 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދެނީ!

ޗައިނާ އިން ރާއްޖެ އަށް ގާތްގަނޑަކަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެއަށް އެނބުރިވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހަމަޖެހުނު 920 މިލިޔަން ޔުއާން ( ގާތްގަނޑަކަށް 130 މިލިޔަން ޑޮލަރު) ދޭނީ ސަރުކާރުން ކަނޑައަޅާ މަޝްރޫއުތަކަކަށް ކަމަށެވެ. އެ އެހީގެ ބޮޑުބައެއް ހަރަދުކުރާނީ އެމަނިކުފާނު ވިދާޅުވިޮ ގޮތުގައި މާލޭގެ މަގުތައް ހެދުމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ޗައިނާ އަށް ކުރެއްވުމުގެ ޝަރަފް ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ.

އަދި ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި 300 އަށް ވުރެ ގިނަ ޗައިނާގެ ކުންފުނިތަކުން ބައިވެރިވި އިންވެސްޓްމަންޓް ފޯރަމަކީ މިހާތަނަށް ބޭއްވި އެންމެ ބޮޑު، އަދި ކާމިޔާބު އިންވެސްޓްމަންޓް ފޯރަމް ކަމަށެވެ. އަދި މި ފޯރަމްގައި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން ބައިވެރިވި ކަން ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ. ފޫޖިއާން ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސް ދެން ވަޑައިގަތީ ޗައިނާގެ ވެރިރަށް ބެއިޖިންއަށެވެ.

ރައީސްގެ ދަތުރުފުޅުގައި ޗައިނާއާއާ އެކު ސޮއިކުރި އެހެން އެއްބަސްވުންތަކުގެ ތެރޭގައި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމާއި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުންތައް ވެސް ހިމެނެ އެވެ. ހުޅުމާލޭ ފޭސް 2 ގެ އާބަން އައިލްގައި ކޮމާޝަލް ސްޕައިންގެ ނަމުގައި ހަތް އިމާރާތް އެޅުމުގެ އެއްބަސްވުމެއް ގައި ޗައިނާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *