ހުސްވެފައިވާ މާލެ ސިޓީ ކައުންސިލުގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
މިއަދު ބާއްވާ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމުގެ އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ޖެހި އިރެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5:00 ޖަހާއިރެވެ.
މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 54680 އަށްވުރެ ގިނަ މީހުންނަށް ލިބެއެވެ. އަދި ވޯޓުލާތަން ޗެކް ކުރުމަށް VR (space) NID ޖެއްސުމަށްފަހު 1414 އަށް އެސްއެމްއެސް ކުރުމަށް އީސީއިން އެދެއެވެ.
މިއަދުގެ އިންތިހާބުގައި މޭޔަރު ކަމަށް ވާދަ ކުރަނީ ފަސް ކެންޑިޑޭޓުންނެވެ. އެއީ:
- ޝުއައިބު އަލީ (އަމިއްލަ ގޮތުން)
- ހުސެއިން ވަހީދު (އަމިއްލަ ގޮތުން ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ތާއިދާއެކު)
- އާއިޝަތު އާޒިމާ ޝަކޫރު (ޕީއެންސީ)
- އާދަމް އާޒިމް (އެމްޑީޕީ)
- މުހައްމަދު ސައިފް ފާތިހު (ދަ ޑިމޮކްރެޓްސް)
މާލޭ ސިޓީގެ މޭޔަރުކަން ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ނޮބެމްބަރު 17 ގައި ވަނީ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
އޭގެ ފަހުން، މާލޭ ސިޓީ ކައުންސިލްގެ ތިން ދާއިރާއެއްގެ ކައުންސިލަރުން ވެސް ވަނީ ސަރުކާރުގެ ބައެއް މަގާމުތަކާ ހަވާލުވެވަޑައިގަންނަވަން މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެހެންވެ، އެ ދާއިރާތަކަށް ކައުންސިލަރުން އިންތިޚާބުކުރުން ވެސް މިއަދު އޮންނާނެއެވެ.
ވޭތުވެތިދަ 24 ގަޑިއިރު މާލެއަށް ވިއްސާރަވެ ގަދަޔަށް ވާރޭ ވެހުނެވެ. އެހެންކަމުން މޫސުން ގޯސްވެދާނެ ކަމަށް ކުރިން ލަފާ ކުރެވިފައި އޮތުމުން، ވޯޓުލުން ނިންމާ ގަޑި ވަނީ ހަވީރު 5:00 އަށް އިތުރުކޮށްފައި ވެއެވެ.


