ރާއްޖެ އާއި ޗައިނާ އިން 20 އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.
ޗައިނާއާއެކު 20 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި ރައީސް ޝީ ޖިން ޕިން އަދި ރާއްޖޭގެ ވަފުދުގައި ހިމެނިގެން ޗައިނާއަށް ވަޑައިގެންނެވި ދިވެހި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން އެކްޝަން ޕްލޭން އޮން ޗައިނާ-މޯލްޑިވްސް ކޯޕަރޭޓިވް ޕާޓްނަޝިޕް އެގްރީމަންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީއެވެ.
މިއަދު ސޮއިކުރެވުނު އެ އެއްބަސްވުންތަކުގެ ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.


