Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ހަސަން ކުރުސީއަކީ އަޅުގަނޑާއި ގުޅުން އޮތް އެކައުންޓެއް ނޫން – ކުރީގެ ރައީސް ނަޝީދު

"އެކްސް"ގައި ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގުޅުން އޮތް އެކައުންޓެއް ނޫންކަމަށް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ކުރީގެ ރައީސް ނަޝީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓަކީ އެމަނިކުފާނު އޮޕަރޭޓްކުރާ ނޫނީ ކޮންޓްރޯލްގެ ދަށުގައި ވެސް އޮތް އެކައުންޓެއް ނޫންކަމަށެވެ. އަދި އެ އެކައުންޓާއި ކުރީގެ ރައީސް ނަޝީދުގެ އިތުރުން ދަރިކަނބަލުން މީރާ ނަޝީދު އާއި ވެސް ގުޅުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ވަގުތީގޮތުން ސިޔާސީ ކަންކަމާއި ދުރުގައި މިހާރު ހުންނެވި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ހަސަން ކުރުސީ "އެކްސް" އެކައުންޓުންނާއި، ކުރުސީ ވެބްސައިޓުން އިންޑިޔާ އާއި ދެކޮޅަށް ކުރަމުންދާ ޕޯސްޓްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ.

ހަސަން ކުރުސީ އެކައުންޓް ހިންގަނީ ކުރީގެ ރައީސް ނަޝީދުކަމަށް މީގެކުރިންވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އޭރުވެސް ނަޝީދުވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި ހަސަން ކުރުސީ އަކީ ކާކުތޯ ބަލައިދެއްވުމަށް އޭރު ނަޝީދުވަނީ ފުލުހުންގެ ކިބައިންވެސް އެދިފަ އެވެ.

ދާދިފަހުން ސަރުކާރުން ވަނީ ކުރުސީގެ ނަމުގައި ހިންގަމުން އައި ވެބްސައިޓް ބްލޮކް ކޮށްފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން މި ވެބްސައިޓް ވަނީ އަލުން އިއާދަކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *