ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ހުރަސްކުރާތީ، ކުރިއަށް އޮތް ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަކޮށް، ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ – މެޓުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް މިހާރު ދަނީ އަރަބި ކަނޑަށް ޖެހެމުން ކަމަށެވެ. އަދި މޫސުމީ މި ބަދަލާ ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މެޓުން މާދަމާގެ ހެނދުނު 10 ޖެހުމާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރާނެ އެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް މެޓުން ބުންޏެވެ.
އެހެންވެ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެ އެވެ.


