އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގެ ފަހު ދެ ސެގްމެންޓުގައި ވެސް ތާރު އެޅުމުގެ މަސައްކަތް ނިންމައިފި އެވެ.
މިކަން ހާމަކޮށް އާރުޑީސީން "އެކްސް" ގައި ކުރި ޕޯސްޓެއް ރީޓުވީޓު ކުރައްވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކަޝަން އެންޑް އިންފްރާންސްޓްރަކްޗާރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް މާ ލަހެއް ނުވެ ނިންމާލަން ބޭނުންވާ ކަމަށެވެ.
މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް މަގު ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގައި ތާރު އަޅައި ނިންމާލައިފައެވެ. މި ދެ ސެގްމެންޓުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު 9، ގަ އެވެ. އެގޮތުން މަސައްކަތް ނިންމާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގަ އެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާއިރު، 1.7 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފަ އެވެ.
އަމީނީ މަގުގެ ފަހު ދެ ސެގްމަންޓްގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އާރުޑީސީން މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ޑރ. މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ. އަދި އުއްމީދަކީ ޕްރޮޖެކްޓްގައި ހިމެނިފައިވާ ޕަމްޕުތައް ވީހާވެސް އަވަހަކަށް ގެނެވި ފެން ހިންދުމުގެ ނިޒާމުގެ މަސައްކަތް މާލަހެއްނުވެ ނިންމާލުން ކަމަށް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އާރުޑީސީން ހާމަކުރި ގޮތުގައި އަމީނީ މަގުގެ އެންމެ ފަހުން ނުހެދި އޮތް، ސެގްމެންޓް 12، އަދި 13ގެ މަސައްކަތްތައް ނިންމާލާފައި ވަނީ ރޭގައެވެ. ނަމަވެސް އަދި މަގުގެ އެެބައި އޮތީ އާއްމު ދަތުރުފަތުރަށް ހުޅުވާ ނުލައެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކުރީ ވަނީ 84 މިލިއަން ރުފިޔާއަށެވެ.


