Tuesday, 28 July 2026
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ފުރަން ތައްޔާރުވެފަ - ފޮޓޯ: ވަން އޮންލައިން

އިންޑިޔާ ފަތުރުވެރިން ރާއްޖޭގެ ގިނަ ބުކިންތަކެއް ކެންސަލް ކޮށްފި!

ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރުމާއެކު ރާއްޖެ އައުމަށް އިންޑިއާގެ ފަތުރުވެރިން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނަން ފަށައިފި އެވެ.

ރާއްޖެއާ ދެކޮޅަށް އިންޑިއާއިން ކެމްޕޭނެއް ފަށާފައި މިވަނީ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑުކޮށްފަ އެވެ.

ދިވެހި ސަރުކާރުގެ އިސްވެރިންނާއި ބައެއް އާންމު ދިވެހިންގެ މަލާމާތް މޯދީއަށް އަމާޒުވީ އިންޑިއާގެ ލަކްޝަދީބްގައި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށްޓަކައި މޯދީ އެރަށަށް ވަޑައިގެން ނެންގެވި ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމުކުރުމާ އެކު އިންޑިއާގެ ފަތުރުވެރިން ދެން ރާއްޖެއަށް ދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ ރާއްޖެ ދައްކޮށްލުމުގެ ނިޔަތުގައި އިންޑިއާގެ ބައެއް ރައްޔިތުން ސޯޝަލްމީޑިއާގައި ފާޅުކުރި ޝުއޫރުތަކަކަށްފަހު އެވެ. މިޝުއޫރުތަކާ އެކު ދިވެހިންވެސް ވަނީ ރައްދު ދީފަ އެވެ.

ރާއްޖެ ބޮއިކޮއިޓް ކުރުމުގެ ނަމުގައި ފެށި މި ކެމްޕޭނާއެކު މިހާތަނަށް ޖުމްލަ 10،500 ހޮޓެލް ބުކިން އަދި 5،520 ފުލައިޓު ބުކިން ކެންސަލް ކޮށްފައިވާ ކަމަށް އިންޑިއާގެ ބައެއް މީޑިއާޓަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މި ނަމްބަރުތައް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

އޭގެ އިތުރުން، އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އީޒް މައި ޓްރިޕް" އިން ވަނީ ރާއްޖެއަށް ހަދާފައިވާ ހުރިހާ ފްލައިޓު ބުކިންތަކެއް ކެންސަލްކޮށްފަ އެވެ. އެ ކުންފުނީގެ ސީއީއޯ ނިޝާންތް ޕިއްޓީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ގައުމީ ރޫހެއްގައި އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގަމުންދާ ސޯޝަލްމީޑިއާ ކޯޅުން ބޮޑުވެފައި އޮތް އިންޑިއާ ސަރުކާރުން މިއަދު ވަނީ އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހީމް ޝިހާބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ވެސް ހާޒިރުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *