ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާގެ ރައީސް ޝީ ޖިންގްޕިންގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ހިމެނިވަޑައިގަންނަވައެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް މުއިއްޒު ރާއްޖޭން ބޭރަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.
ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ރައީސް ތުރުކީއަށް ވަޑައިގެންނެވީ، އެ މަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ތުރުކީގެ ވަފުދު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެއްވި ދައުވަތަކަށެވެ. އެ ދަތުރުފުޅަށްފަހު ރައީސް ވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޔޫއޭއީއަށް ވަޑައިގެންފައެވެ.


