ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ޖޯޑަން ނިއުސްއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ދެ ތެޔޮ ޓޭންކަރަށް ވެސް ބޮމުގެ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޕްލޭންގައިވާ ގޮތުން މި ދެ ތެޔޮ ޓޭންކަރު ދަތުރުކުރަން ހަމަޖެހިފައި އޮތީ ބާބް އަލް މަންދާބް ކަނޑުއޮޅި އާއި ރަތް ކަނޑުންނެވެ.
އިސްރާއީލަަށް ނިސްބަތްވާ ދެ ތެޔޮ ބޯޓަށް ހަމަލާ ދީފައި ވަނީ ރާއްޖޭގެ ހުޅަނގާއި ހުޅަނގު އުތުރުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައި ވެެއެވެ.
އެމްއެންޑީއެފް އިން ރޭ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި އެފަދަ ހާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ހަބަރަކީ ސައްހަ މައުލޫމާތެއްގެ މައްޗަށް ފަތުރާ ހަބަރެއް ނޫން ކަމަށެވެ،
"މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އަދި މިފަދަ މަޢުލޫމާތެއް ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.
އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ބެލިބެލުމުން، ފެތުރެމުންދާ ބަައެއް މަޢުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާބެހޭ މަޢުލޫމާތާއި ފޮޓޯކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.


