Tuesday, 28 July 2026

ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރަން ފަށައިފި

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ހޯދުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު އެޗްޑީސީން އެ މަސައްކަތް ފަށައި ބަޔަކާ އެގްރިމަންޓް ހަދައިގެން ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

ރައީސް އޭރު ވިދާޅުވި ގޮތުގައި ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު ރައީސް ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްގެ ކުއްޔާއި ވިނަރެސް ފްލެޓުތަކުގެ ކުލި ވަނީ ކުޑަކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *