ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ބިޔަބޮޑު މަޝްރޫއު އިފްތިތާހްކޮށްފިއެވެ.
ދަރުބާރު ގޭގައި ކުރިއަށްގެންދިޔަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ބޮޑު މަޝްރޫއާއި އިކޮނިކް ޒޯން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބުނީ ވީއައިއޭގެ ދެ ވަނަ ފޭސް ތަރައްގީކުރަނީ ކުރިޔަށް އޮތް 20 އަހަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮންނާނެ ގޮތުގެ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ. އެ މަޝްރޫއު ނިމޭއިރު އަހަރަކު 25 މިލިޔަން ފަސިންޖަރުންނަށް ވީއައިއޭން ހިދުމަތް ދިނުމުގެ ކެޕޭސިޓީ ލިބިގެންދާނެ ކަމަށެވެ.
"އޭގެ މާނައަކީ ގަޑިއަކު 4،000 ފަސެންޖަރުން ފުރިހަމަ ގޮތުގައި، ހިދުމަތް ދެވޭނެ ކަަމަށް އެއާއެކު އޮޕަރޭޝަން ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައްވެސް ގާއިމް ކުރެވިގެން ދާނެ،". މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.
އެމްއޭސީއެލުން ބުނީ ދެ ވަނަ ފޭސް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޓާމިނަލް ތަރައްގީކުރުމުގެ އިތުރުން ވީއައިއޭގައި ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓި ގާއިމުކުރާނެ ކަމަށެވެ. އެގޮތުން 100 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރާނެ ފެސިލިޓީއެއް ގާއިމްކުރާނެއެވެ. މީގެ އިތުރުން ފްލައިޓްތަކަށް މެއިންޓެނެންސް ރިޕެއާ އަދި އޮވަހޯލް ކުރެވޭނެ ފެސިލިޓީއެއް ވެސް ހަދާނެއެވެ.
ވީއައިއޭގެ ދެވަނަ ފޭސް ތަރައްގީކުރަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އޭވިއޭޝަން ސޭފްޓީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އޭގެ އިިތުރުން މި މަޝްރޫއުގެ ދަށުން ޖެޓްތަކަށް ހާއްސަ ޓާމިނަލްއެެއް ގާއިމް ކުރުމަށް ވަނީ ނިންމާފައެވެ. އަދި 73 އެއާކްރާފްޓް އެއްފަހަރާ ޕާކް ކުރެވޭނެ ކެޕޭސިޓީވެސް މި އެއާޕޯޓްގައި ގާއިމްވެގެން ދާނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅުން ހުރި އިތުރު ތަފްސީލު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ ދިވެހިންގެ އުއްމީދު ކަމަށެވެ. އަދި ދިވެހިންގެ ރާއްޖޭގައި ދިވެހިން ދާން ބޭނުންވާ ހިސާބަށް ދިއުމަކީ ކިހާ ވަރެއްގެ އުއްމީދެއްކަން ތަސައްވަރު ކުރެވިގެން ގޮސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


