ކުރީގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން އިއްޔެ ފަށައިފި އެވެ.
ގޯތި ލިބުނު މީހުންނަށް ރަޖިސްޓަރީ އާއި ބިން ހަވާލު ކުރުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަކި ހިސާބަކަށް ގެންދިއުމަށް ފަހު، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މަސައްކަތް އޮތީ މަޑުޖައްސާލައިފަ އެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިޢުލާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.
މީގެ އިތުރުން މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙް ކޮށްދޭނެ ކަމަށް ވެސް ހޯމް ލޭންޑް މިނިސްޓްރީން ބުނެފައި ވެއެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލެއިން 1،351 ގޯތި، ގުޅީފަޅުން 2،218 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ގިރާވަރު ފަޅުން 5،432 ގޯތި ދޭނެކަމަށް ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވެއެވެ.
އޭރު ހައުސިންގ މިނިސްޓްރީން ބުނީ ޝަރުތު ހަމަވެގެން ގޯތި ލިބޭ 19،631 މީހުން ތިބި ނަމަވެސް އޭގެތެރެއިން އޭރު ލިބެން ހުރި 9003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށް ކަމަށެވެ. އަދި އެ ސަރުކާރުގެ ދައުރު ނިމެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ބިމާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
މީގެއިތުރުން ބިންވެރިޔާ ސްކީމުގެ ދެވަނަ ބުރު އިޢުލާންކޮށް ފޯމު ހުށައެޅި ފަރާތްތަކުގެ ލިސްޓު ވެސް އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވަނީ ގެޒެޓްކޮށް އާންމު ކޮށްފައެވެ.


