ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް މިއަދު އިފުތިތާހުކޮށްފި އެވެ.
ރާއްޖޭގެ ޒަކާތު ހައުސް ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒަކާތު ހައުސްގެ އަލީގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގާއިމުކުރާ ޒަކާތާއި ސަދަގާތުގެ އަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމައެއް ބިނާކުރާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ވެސް ޒަކާތު ހައުސްއެއް އުފައްދަން ހިމަނާފައިވާ އިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ރާއްޖޭގެ ޒަކާތު ހައުސް އެ މަނިކުފާނު އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަން ނިންމާފައިވާ ރާއްޖޭގެ ޒަކާތު ހައުސްއަކީ ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑް ތަރައްގީ ކުރުމުގެ ބޭނުމުގައި އުފެއްދި އިދާރާއެކެވެ.
ޒަކާތުގެ މަތިވެރިކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ޒަކާތު ހައުސް އުފައްދަނީ މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، އިލްމީ ދިރާސާތައް އިތުރުކޮށް، މަތިވެރި ހުކުމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނެގެހެއްޓުމަށް ކަަމަށެވެ.
ޝަހީމް ވަނީ މެނިފެސްޓޯގައި ޒަކާތަށް އިސްކަމެއް ދެއްވައި، ޒަކާތު ހައުސް އުފެއްދުމަށް ރައީސް ޑރ. މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެ މަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލައިފަ އެވެ. އަދި ޒަކާތުގެ މުހިންމު ކަމާ ގުޅޭ ވީޑީއޯ ރިޕޯޓެއް ވެސް ދައްކާލައިފައިވެ އެވެ.


