ފާއިތުވި3 އަހަރުގެ ތެރޭގައި އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކަށްކަމަށް ތަފާސްހިސަބުތަކުން ދައްކައިފިއެވެ.
އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ފެށުމާ ގުޅިގެން، ކަމާގުޅޭ އިދާރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ 2021، 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި، ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކަށް 57،709 މީހުން ފަރުވާ ހޯދި ކަމަށެވެ. އެއީ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން އަދި ސްޓްރޯކް ޖެހުމެވެ.
މީގެއިތުރުން 3 އަހަރުގެ ތެރޭގައި 30،803 މީހުން ހަކުރު ބައްޔަށް ފަރުވާ ހޯދާފައިވެއެވެ. 11،635 މީހުން ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދާފައިވާއިރު 35،806 މީހުން ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދިއެވެ. އަދި 3،294 މީހުން ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާކަމަށްވެސް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި ސަރުކާރުން އަލަށް ފެށި މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ވެސް ހަދާފައިވަނީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށެވެ. ޕެކޭޖުތައް ހަތަރު ކެޓަގަރީއަކަށް ބަހާލާފައިވާއިރު، އޭގެ ތެރެއިން ވެސް އަންހެން އަދި ފިރިހެނުންނަށް ވަކި ޓެސްޓުތަކެއް ހުންނާނެ ކަމަށް އާސަންދައިން ބުންޏެވެ.
ގިނަ ޢަދަދެއްގެ ބަޔަކު އާސަންދަ ސްކީމް މެދުވެރިކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދާއިރު މިއަހަރަށް ދަޢުލަތުން ފާސްކޮށްފައިވާ ބަޖެޓުގައި ވަނީ އާސަންދައިގެ ޚަރަދަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައެވެ. އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަނީ ބޭސް ފޯރުކޮށްދިނުމަށެވެ. އެގޮތުން އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދައިގެ 50 އިންސައްތަ ޚަރަދުކުރަނީ ބޭހަށެވެ. އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 600 މިލިއަން ރުފިޔާއާއި ގާތްކުރާ ޢަދަދެވެ.


