ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމުގެ ސަބަބުން ޖަޕާނު ކަނޑުގެ ހުޅަނގު އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް ސުނާމީއެއް ގާތްގަނޑަކަށް 1 މީޓަރު (3.3 ފޫޓު) އަރާފައިވާއިރު، އެއަށްވުރެ ބޮޑު ރާޅެއް އަރާނެ ކަމަށް ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭ އިން ވަނީ ބުނެފަ އެވެ.
ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިޝިކާވާ، ނިއިގަޓާ އަދި ޓޯޔާމާގެ އައްސޭރިފަށުގެ ޕްރި.ފެކްޗާތަކަށް ވެސް ސުނާމީގެ އިންޒާރު ދީފަ އެވެ.
އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ސަރަހައްދަށް އައި ބިންހެލުމާ ގުޅިގެން އެންއެޗްކޭ އިން ބުނީ ހުރިހާ އެ ހިސާބުގައި ދިރިއުޅޭ ރައްޔިތުން ވަގުތުން އުސް ބިންތަކަށް ދާން ޖެހޭ ކަމަށެވެ. އަދި އިޝިކާވާއަށް އަނެއްކާވެސް ބިންހެލުމުގެ އިންޒާރު ދީފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެންއެޗްކޭއިން ގެނެސްދިން ފުޓޭޖުތަކުން ފެންނަ ގޮތުގައި އިޝިކާވާގައި އިމާރާތްތައް ވެއްޓި، ވެރިރަށް ޓޯކިޔޯގެ އިމާރާތްތައް ހެލެމުން ދެއެވެ.
އިޝިކާވާ އާއި ޓޯޔާމާ ޕްރިފެކްޗާތަކުން 36،000 އަށް ވުރެ ގިނަ ގޭބިސީއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ޔޫޓިލިޓީސް ޕްރޮވައިޑާ ހޯކުރިކޫ އިލެކްޓްރިކް ޕަވާ އިން ބުނެއެވެ.
ޖަޕާނުގެ ނިއުކްލިއާ ރެގިއުލޭޝަން އޮތޯރިޓީން ބުނީ ޖަޕާން ކަނޑުގެ ނިއުކްލިއާ އިންޖީނުގެތަކުގައި އެއްވެސްހާދިސާއެއް ހިނގާފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. އޭގެ ތެރޭގައި ކަންސައި އިލެކްޓްރިކް ޕަވާގެ އޮހީގެ ފަސް އެކްޓިވް ރިއެކްޓަރު އަދި ފުކޫއީ ޕްރިފެކްޗާގެ ޓަކަހާމާ ޕްލާންޓް ހިމެނެއެވެ.
މި ބިންހެލުމާއި ގުޅިގެން ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އިރުމަތީ އައްސޭރިފަށުގައި އޮންނަ ގަންގްވޮން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑު އުފުލިދާނެ ކަމަށެވެ.
ޖަޕާނަކީ ބިންހެލުމުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމެވެ. ޖަޕާނަށް 2011 ވަނަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އައި ބޮޑު ބިންހެލުމާއި ސުނާމީގައި ގާތްގަނޑަކަށް 20،000 މީހުން މަރުވެ، އަވަށްތައް ހަލާކުވެ، ފުކުޝީމާގައި ނިއުކްލިއާ ހީނަރުކަން އުފެދުނެވެ.


