އިއްޔެ މުޅި ރާއްޖެ އަށްކުރި ވިއްސާރާގައި އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނީ ކ. ހުޅުލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ބުނެފިއެވެ.
މެޓުން މިއަދު ބުނީ، އެންމެ ބޯކޮށް ވާރޭ ވެހުނު ހުޅުލެއަށް އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް 179.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.
މެޓުން ބުނިގޮތުގައި މިއީ މިހާތަނަށް ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަސް ކަމަށް ރެކޯޑުތަކުން ދައްކާކަމަށެެވެ.
ފާއިތުވި 24 ގަޑިއިރުތެރޭ މާލެއަށް ވެހިފައިވަނީ 118.2 މިލިމީޓަރުގެ ވާރެ އެވެ. ދެން އެންމެ ގިނައިން ވެހުނު ބ. ގޮއިދޫއަށް 106.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ކ. ދިއްފުއްޓަށް 72 މިލިމީޓަރު އަދި މ. މުއްޔަށް 66 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
އިއްޔެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ އިތުރުން ހުޅުލޭގައިވެސް ފެންބޮޑުވިއެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓު އޮޕަރޭޝަނަށް ބުރޫ އަރައި، ފްލައިޓުތަކަށް ނުޖެއްސި ބައެއް ފްލައިޓްތައް ޑައިވާޓްކޮށް ކެންސަލްވެސް ކުރިއެވެ.


