Monday, 26 October 2026

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު އަލީ ނިޔާވެއްޖެ

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް ހިދުމަތްތަކެއް ކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެއެވެ.

މެދުރާއްޖޭގެ ތެރޭގައި އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި އެ އަތޮޅު ތައުލީމީ މަރުކަޒު ހެދުމަށްޓަކައި އެންމެ ބުރަ މަސައްކަތް ކުރެއްވި އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިއަދު އެވެ.

ތައުލީމީ ދާއިރާއާ 1979 ވަނަ އަހަރު ގުޅިވަޑައިގެންނެވި އަހުމަދު އަލީ އެންމެ ފުރަތަމަ އަދާކުރެއްވީ ބ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ. އެ ސްކޫލުގައި އަހަރެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހުގައި ބ. އަތޮޅު ތައުލީ މަރުކަޒުގައި ގިނަ ވަޒީފާތަކެއް އަދާކުރެއްވިއެވެ.

ސްކޫލުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ކުރެއްވި އިރު، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފައިސާގެ ކަންކަމާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވިއެވެ. މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު އޭނާ އެންމެ ފަހުން އަދާކުރެއްވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ. އެހެންކަމުން އަހުމަދު އަލީ ވަނީ ތައުލީމީ ދާއިރާ އަށް 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފައެވެ.

ސްކޫލަށް ލިބުނު ހުރިހާ ކުރިއެރުމަކާއި ސްކޫލު ތަރައްގީ ކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރެއްވި އެއް ބޭފުޅަކީ އަހުމަދު އަލީއެވެ. އޭނާގެ މަސައްކަތުން މިއަދު ބ. އަތޮޅު ތައުލީމީ މަރުކަޒު ވެފައި ވަނީ މެދު ރާއްޖެ ތެރޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލަށެވެ.

ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.

އަހުމަދުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *