Tuesday, 28 July 2026
--ތަރުޖަމާނު ޝަހީބު

ބްލޮކް ކުރި ދެ ވެބްސައިޓަށް ވަދެވޭ ގޮތް ހަދައިފި

ދެ ވެބްސައިޓު ބްލޮކް ކުރުމުން ޕްރެޝަރު ބޮޑުވެ ސަރުކާރުން މިއަދު ދެ ވެބްސައިޓް ދޫކޮށްލައިފި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ މި ދެ ސައިޓް މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ބްލޮކް ކޮށްލީ އެއްވެސް ސަބަބެއް ހާމަކުރުމަކާ ނުލަ އެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. ނަމަވެސް މިހާރު އެ ދެ ވެބްސައިޓަށް ވަދެވެ އެވެ. މި ދެ ސައިޓަށް މިއަދު އަލުން ވަދެވޭ ގޮތް ހަދާފައިވާއިރު މި ދެ ސައިޓަށް ވަދެވޭ ގޮތް ހެދި ސަބަބާ ގުޅޭގޮތުންވެސް ސަރުކާރުން ވާހަކައެއް ނުދެއްކި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ މައްސަލާގައި ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ މިހާރު އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ.

ޝަހީބު މިއަދު ވިދާޅުވީ ރައީސް ޑރ. މުހަންމަދު މުއިއްޒު ނުވަތަ ރައީސް އޮފީސް އަންގަވައިގެން އެއްވެސް ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާނެ ކަމަށެވެ.

"ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުންވެސް ކޮށްފައި ހުރި ކަމެއް. އާކަމެއް ކޮށްގެން ނޫން މިއުޅެނީ،" ޝަހީބް ވިދާޅުވި އެވެ.

އެ މައްސަލާގައި ފާޑު ކިޔުން އަމާޒުވުމުން ސަރުކާރުން ކުރިން ބުނީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް ރަޖިސްޓާ ނުކުރާ މީޑިއާ ހިންގުމަކީ ވެސް ގާނޫނުން ހުއްދަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *