ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ އާ ސްކޫލްގެ ބިންގާ މިއަދު އަޅައިފި އެވެ.
މި ސްކޫލްގެ ބިންގާ އަޅުއްވައިދެއްވީ މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް ދޭއްގައި ބިނާކުރާ މި ސްކޫލަކީ 54 ކްލާސް ރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭ ގޮތަށް އިމާރާތް ކުރެވޭ ސްކޫލެކެވެ.
ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ މި ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާ އެވެ.
މި ސްކޫލްގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފަ އެވެ.


