Tuesday, 28 July 2026

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 100 ނޫސްވެރިން ވަނީ ޝަހީދުވެފަ: ޣައްޒާ މީޑިއާ އޮފީސް

ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން އާންމުކޮށްފައިވާ އާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު މިހާތަނަށް 100 އެއްހާ ނޫސްވެރިން ވަނީ ޝަހީދުވެފަ އެވެ.

ފަލަސްތީނުގެ ނޫސްވެރިޔާ މުހައްމަދު އަބޫ ހުވައިދީ އަކީ މިދިޔަ ހޮނިހިރު ދުވަހު ޣައްޒާ ސިޓީގެ އިރުމަތީގައި ހުންނަ އޭނާގެ ގެއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެންމެ ފަހުން ޝަހީދުވި ނޫސްވެރިޔާ ކަމަށް މީޑިއާ އޮފީހުން ބުނެފި އެވެ.

ޓެލެގްރާމް ސޯޝަލް މީޑިއާގައި އެ އޮފީހުން ބުނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ނޫސްވެރިޔާ މުހައްމަދު އަބޫ ހުވެއިދީ ޝަހީދުވުމާ ގުޅިގެން ޣައްޒާއާ ދެކޮޅަށް ހިންގި އަނިޔާވެރި ހަނގުރާމަ ފެށުނީއްސުރެ ޝަހީދުވި ނޫސްވެރިންގެ އަދަދު 100 އަށް އަރާފައިވާ ކަމަށެވެ.

ނަމަވެސް ޣައްޒާގައި ތިބި ފަލަސްތީނުގެ އޮފިޝަލުން ބުނަނީ މި އަދަދު މިއަށްވުރެ މާ ބޮޑުވެދާނެ ކަމަށެވެ.

ނޫސްވެރިން ހިމާޔަތްކުރާ ކޮމެޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަމަނުޖެހުންތަކުގައި މިހާތަނަށް 69 ނޫސްވެރިއަކު މަރުވެފައިވާ އިރު އޭގެ ތެރޭގައި އަލްޖަޒީރާ އަރަބިކްގެ ކެމެރާމަން ސަމޭރު އަބޫދަކާ ވެސް ހިމެނެ އެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 50 އަށްވުރެ ގިނަ މީޑިއާ ތަންތަން ނުވަތަ އޮފީސްތައް ވަނީ މުޅިން ނުވަތަ ބައިބައިކޮށް ހަލާކުވެފައެވެ. ފަލަސްތީނުގެ އެތައް ސަތޭކަ ނޫސްވެރިންނާއި އެމީހުންގެ އާއިލާތައް ވަނީ ދެކުނުގެ ގައުމުތަކަށް ބަދަލުވާން މަޖުބޫރު ކޮށްފައެވެ.

މީގެ އިތުރުން މުވާސަލާތީ ހިދުމަތްތައް މެދުކެނޑިފައި އޮތުމުގެ ސަބަބުން އުނދަގޫ ހާލަތްތަކުގައި ދިރިއުޅެން އަދި ރިޕޯޓް ކުރުމަށް ދަތިވެފައިވާއިރު، އުތުރުގެ އޮފީސްތަކުގައި ތިބި ނޫސްވެރިންނަށް، އެމީހުން ގެންގުޅޭ ރިޕޯޓިން އާލާތްތައް ދޫކޮށްލަން ވެސް މަޖުބޫރުވެފަ އެވެ.

ހަތިޔާރުއެޅި ހަމަނުޖެހުންތައް ހިނގަމުންދާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ހިމާޔަތް ލިބޭ އިރު، އިޒްރޭލުން ތަކުރާރުކޮށް އެ ގާނޫނުތަކާ ހިލާފުވާ ކަމަށް ތުހުމަތު ކުރެ އެވެ. ފަލަސްތީނުގެ ނޫސްވެރިން ބުނަމުން ދަނީ އިޒްރޭލުން އެ މީހުންނަށް އަމާޒުކުރަނީ އެމީހުންގެ ވާހަކަތައް ސިއްރުކުރުމަށް ކަމަށެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *