އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ރާއްޖެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ދިގުރަށު ކައުންސިލްގެ ކުނިގޮނޑުން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅީ މިމަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 09:20 ހާއިރެވެ.
ދިގުރަށު ސިއްހީ މަރުކަޒަށް ކުއްޖާ ގެންދެވުނުއިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ސްރީ ލަންކާ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.


