ބިދޭސީ އަންހެނެއްގެ އަންހެނެއްގެ ގަޔަށް އަތްލީ މީހަކު ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
ފުވައްމުލަކު ހައިވޭ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ނޭޕާލް އަންހެން މީހާގެ ރުހުމާއި ނުލައި މި އަމަލު ހިންގާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ގައިގައި އަތްލުމުގެ ދައުވާކޮށް ހުކުމް ކޮށްފައިވަނީ ފުވައްމުލަކު، މިސްކިތްމަަގު، ކިނބިދޫގެ، މައުޒަމް އަބްދުﷲ ރަޝީދުގެ މައްޗަށެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށްގެންދިޔައީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައެވެ. އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިއުތިރާފުވެފައިވާތީއާއި އަދި އޭނާއަކީ އެހެން މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށްވާތީ މި މައްސަލަ މާފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށް އަވަސްނިޔާގެ އަޑުއެހުން ކުރިއަށް ގެންގޮސްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެދުނެވެ. އަދި އަޑު އެހުންތައް ނިމި މާފުށި ކޯޓުން މިއަދު ވަނީ މައުޒަމްގެ މައްޗަށް ހުކުމް ކޮށްފައެވެ.
ހުކުމުގައިވާ ގޮތުން ގައިގައި އަތްލުމުގެ ކުށަށް އިއުތިރާފުވެފައެވެ. އަދި މިކުށުގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނަމަވެސް އޭނާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާތީ އޭނާގެ އަދަބު އެއް ދަރަޖަ ދަށް ކުރެވޭނެ ކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ. އެހެންކަމުން އޭނާ 27 ދުވަހަށް ޖަލަށްލުމަށް ވަނީ ނިންމާފައެވެ.


