Tuesday, 28 July 2026

ކޯރަމް ހަމަނުވެގެން މަޖިލިސް ބައްދަލުވުން ކެންސަލް ކޮށްފި

މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމަން މިއަދު ބާއްވަން ހަމަޖެހިފައިވާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން، ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ވެއްޖެ އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރަމުން ގެންދަނީ ރައްޔިރުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީންނެވެ.

ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތައް ވަޒީރުންގެ ހަމަވާ ކަމަށް ކަނޑައަޅައި، މަޖިލިސް ތަޅުމުގައި ވަކިވަކިން ވޯޓަށް އަހައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ފާސްކޮށް މީގެ ކުރިންވެސް އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވިއެވެ.

މިނިސްޓަރުންނަށް ރުހުން ދޭން މި ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި ތާވަލުކޮށްފައިވީ ނަމަވެސް، މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވާތީ އާއި ކޮމިޓީ ރިޕޯޓުގައި މަޖިލީހުގެ ގަވައިދުގައި ބުނާ ކަންކަން ފުރިހަމަ ނޫން ކަމަށް ބުނެ، ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.

ނަމަވެސް އެ މިނިސްޓަރުން ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓްރީތަކުގެ ދާއިރާގައި ހިމެނޭ މަަސައްކަތްތައް މަޖިލީހުން ފާސްކުރަން ހުށަހަަޅާފައި ނުވާތީ އާއި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް ފެންނަ ކަމަށް ނުވަތަ ރުހުން ދިނުމަށް ނުފެންނަ ކަމަށް، ކޮމިޓީން ނިންމާފައި ނުވާތީ، މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީން ފުރިހަމައަށް ނިންމާފައިނުވާ ކަމަށް މަޖިލިސް ތަޅުމުން ފާސްކޮށްގެން މިމަހު 18 ވަނަ ދުވަހު އަލުން އަނބުރާ އެ މައްސަލަ ކޮމިޓީއަށް ފޮނުވައިލިއެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ މެދު އަލުން ކޮމިޓީން ގޮތެއް ނިންމުމަށް، މިއަދު ހެނދުނު 9:00 އަށް އެ މައްސަލަ ކޮމިޓީއަށް ތާވަލްކުރިއެވެ. ޝެޑިއުލް ކޮށްފައި އޮތީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭގޮތުން މަޖިލީހުން ކޮމިޓީއަށް އަނބުރާ ފޮނުވި ރިޕޯޓަށް ގޮތެއް ނިންމުމަށެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގަތީ އެންމެ ތިން މެމްބަރުންނެވެ. ހަތަރު މެމްބަރުން ބައިވެރިވެވަޑައިގެންނެވިނަމަ ވެސް މައްސަލަ ކުރިއަށްގެންދާ ވަރަށް ކޯރަމް ލިބުނީހެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މިއަދުގެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *