ރަތް ކަނޑުގެ ވިޔަފާރީގެ އުޅަނދުތަކަށް ހޫތީ ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އީރާނުން ވަރަށް ބޮޑަށް ބައިވެރިވާ ކަމަށް އެމެރިކާއިން ތުހުމަތުކޮށްފި އެވެ.
އެގޮތުން ޔަމަނުގެ މި ހަނގުރާމަވެރި ޖަމާއަތަށް ތެހެރާނުން ދޭ ތާއީދުތަކުގެ ތެރޭގައި ހަތިޔާރާއި ޓެކްޓިކަލް އިންޓެލިޖެންސް ވެސް ހިމެނޭ ކަމަށް ވައިޓް ހައުސް އިން ވަނީ ތުހުމަތު ކޮށްފައެވެ.
ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު އެޑްރިއެން ވޮޓްސަން ނެރުނު ބަޔާނެއްގައި ވަނީ ރަތް ކަނޑުގެ ވިޔަފާރި އުޅަނދުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ރޭވުމުގައި އީރާނުން ވަރަށް ބޮޑަށް ބައިވެރިވިކަން އެނގޭކަމަށް ބުނެފަ އެވެ. އަދި މިއީ މި ސަރަހައްދުގައި ހޫޘީން ހިންގަމުންދާ ހަމަނުޖެހުންތަކަށް އީރާނުން ދުރު ރާސްތާގެ މެޓީރިއަލް ސަޕޯޓާއި ހިތްވަރު ދިނުމާ އެއްގޮތް ކަމެއް ކަމަށް ބުނެފައި ވެއެވެ.
ވޮޓްސަން ވަނީ މިއީ ބައިނަލްއަގްވާމީ ގޮތުން އެންމެން ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލަންޖެހޭ ކަމެއްކަމަށް ބުނެފަ އެވެ.
ވައިޓް ހައުސްއިން ބުނީ، ވިޝުއަލް އެނަލިސިސް އިން އީރާނުގެ ކޭއޭއެސް-04 ޑްރޯންތަކާއި ހޫތީން ބޭނުންކުރާ އިންސާނުން ނެތް އުޅަނދުތަކާއި ގާތްގަނޑަކަށް އެއްގޮތް ސިފަތަކެއް، އީރާނާއި ހޫތީ މިސައިލްތަކުން ފެނިފައިވާ ކަަމަށެވެ.
ވެރިރަށް ސަންއާ ހިމެނޭ ގޮތަށް ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރާ ހޫތީން ވަނީ އިސްރާއީލުގެ ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ ފަލަސްތީނަށް ތާއީދު ކުރާކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި، އެ ޖަމާއަތުން ވަނީ ރަތް ކަނޑުގެ ވިޔަފާރީގެ ޝިޕިންއަށް ޑްރޯން އާއި މިސައިލް ހަމަލާތަކެއް ދީފަ އެވެ.
މި ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ ބޮޑު ބަޔަކަށް ބަދަލުތައް ގެނެސް، މުދާ އުފުލާ ކުންފުނިތަކަށް އެފްރިކާގެ ވަށައިގެން ދަތުރުކުރަން މަޖުބޫރުވެ، ހަކަތައާއި، ކާބޯތަކެތީގެ ބާވަތްތަކާއި، ކޮންސިއުމަރ މުދާ ޑެލިވަރީކުރުމުގައި ބޮޑެތި ޚަރަދުތަކާއި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހަމަލާތަކާ ގުޅިގެން އިޓަލީ-ސްވިޒަލޭންޑްގެ މަޝްހޫރު ކުންފުނި މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ އާއި ފްރާންސްގެ ސީއެމްއޭ ސީޖީއެމް އަދި ޑެންމާކުގެ އޭޕީ މޮލާ-މާސްކް ފަދަ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރުކުރުން މެދުކަނޑާލާފަ އެވެ.
މި ހަފުތާގެ ކުރީކޮޅު ވޮޝިންޓަނުން ވަނީ ރަތް ކަނޑުދަތުރުކުރާ އުޅަނދުތައް ހިމާޔަތް ކުރުމަށް 20 އަށް ވުރެ ގިނަ ގައުމު ހިމެނޭ މަލްޓިނޭޝަނަލް ފޯސްއެއް ތައާރަފުކުރަން ނިންމައިފަ އެވެ.


