އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންޒާރުގެ މެސެޖެއް ނެރެފި އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ފަށާފައިވާ ނަސްލު ނައްތައިލުމުގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި އަންނަނީ އެ ގައުމުގެ މީހުންނާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި، އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެތައް ބަޔަކު އަންނަނީ ގޮވައިލަމުންނެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނަކާ ހަވާލީ އެ ގައުމުގެ ނޫސް، އިޒްރޭލްޓައިމްސްގައި މިއަދު ބުނީ އެގޮތަށް އިޒްރޭލްގެ ސަރުކާރުން އެންގީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ކަމަށެވެ.
އިޒްރޭލުން ނެރުނު މި އިންޒާރުގެ މެސެޖުގައި ވަނީ ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އާންމުން އެ ގައުމާ ދެކޮޅަށް ފާޅުގައި ބަސްބުނަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ، ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމުގެ ސަރުކާރަށް އުނދަގޫ ވާނެ ކަމަށް ވެސް އެ ގައުމުގެ ނޫސްތަކުގައިވެ އެވެ.
މީގެ ކުރިން، އޮކްޓޫބަރު މަހު 20 ގައި ވެސް އިޒްރޭލުގެ ސަރުކާރުން ވަނީ އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނުދާން އަންގައިފައެވެ.
އިޒްރޭލާއި ރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. އެކަމަކު، އެ ގައުމުގެ މީހުންނަށް ވެސް ރާއްޖެ ދަތުރުކޮށް ހެދެއެވެ.


