Tuesday, 28 July 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ޝުޖޫން ހަމަޖައްސައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް ކަމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ހަމަޖައްސައިފި އެވެ.

ޖޭއެސްސީގެ ގާނޫނު އޮންނަ ގޮތުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ޝުޖޫން އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަނޑިޔާރެވެ.

އެ ކޮމިޝަންގެ ރައީސަކަށް މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ މެމްބަރު ހިސާން ހުސައިން އެވެ.

ޖޭއެސްސީގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި މަޖިލީހުގެ މެމްބަރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިޚާބު ކުރާ މީހެކެވެ.

ޖޭއެސްސީ މިހާރު އެކުލަވާލެވިފައި އޮތީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމުގައި ވިޔަސް އެ ކޮމިޝަން އޮތީ ފަނޑިޔާރުގޭގެ މިނިވަންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނޫން ކަމަށް ބައެއް ރައްޔިތުން ގަބޫލުކުރެ އެވެ. އެގޮތުން ކުރީ ސަރުކާރުން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. އެ ބިލުގެ މަސައްކަތް މަޖިލީހުގައި ދަނީ ކުރިއަށެވެ.

އެ ބިލުގައި ހުށަހަޅާފައިވަނީ ޖޭއެސްސީ އެކުލަވާލެވޭނީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރަކު، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު، ބަންޑާރަނައިބު އަދި ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބުކުރާ ޤާނޫނީ ވަކީލަކު ހިމެނޭ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *