އިންޑިއާގެ ގުޖުރާތުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތް ކަމަށްވާ ސޫރަތު ޑައިމަންޑް ބޯސް އާދީއްތަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައިދެއްވައިފި އެވެ.
ސޫރަތު ޑައިމަންޑް ބޯސް (އެސްޑީބީ) އިމާރާތް ހުންނަނީ ގުޖުރާތުގެ ސޫރަތު ސިޓީ ކައިރީގައި އޮންނަ ޚަޖޯޑް ވިލެޖްގަ އެވެ. މިއީ ބައިނަލްއަގްވާމީ ޑައިމަންޑާއި ގަހަނާގެ ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ ބޮޑު އަދި ޒަމާނީ މަރުކަޒު ކަމަށާއި ރަފް އަދި ޕޮލިޝްޑް ޑައިމަންޑްގެ އިތުރުން ގަހަނާގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ މަރުކަޒެއްގެ ގޮތުގައި ހިދުމަތް ދޭނެ ކަމަށް ސޫރަތު ޑައިމަންޑްއިން ބުނެއެވެ
މި ބޯސްގައި ހިމެނެނީ އިމްޕޯޓް އެކްސްޕޯޓް ކުރުމަށް އެންމެ ޒަމާނީ "ކަސްޓަމްސް ކްލިއަރެންސް ހައުސް" އާއި ރީޓެއިލް ގަހަނާގެ ވިޔަފާރި އަށް ހާއްސަ ގަހަނާ މޯލަކާއި އިންޓަނޭޝަނަލް ބޭންކިން އަދި ސޭފް ވޯލްޓްތަކަށް ހާއްސަ ފެސިލިޓީއެކެވެ.
މުޅި ކޮމްޕްލެކްސް އަކީ 35.54 އޭކަރުގެ ބިމެއްގައި ހަދާފައިވާ ކޮމްޕްލެކްސް އެކެވެ. އަދި އެ ކޮމްޕްލެކްސްގެ އަގަކީ ގާތްގަނޑަކަށް 35 ބިލިއަން ރުޕީސް އެވެ. 67 ލައްކަ އަކަފޫޓުގެ ފްލޯ ސްޕޭސް ހިމެނޭ މި އިމާރާތުގައި ގާތްގަނޑަކަށް 4،500 ޑައިމަންޑް ޓްރޭޑިން އޮފީސް ހުރެއެވެ.
މި އޮފީސް ހުޅުއްވައިދެއްވަމުން މޯދީ ވަނީ ސޫރަތު ޑައިމަންޑް ބޯސް އިން އިންޑިއާގެ ޑިޒައިނަރުންނާއި އިންޑިއާގެ މެޓީރިއަލްސް އަދި އިންޑިއާގެ ކޮންސެޕްޓްތަކުގެ ގާބިލްކަން ދައްކުވައިދޭކަމަށް ވިދާޅުވެފަ އެވެ. މި އިމާރާތަކީ ނިއު އިންޑިޔާގެ އާ ބާރާއި އާ އަޒުމުގެ ރަމްޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ވަނަ ފަހަރަށް ވެރިކަމަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ، މޯދީ ވިދާޅުވީ ކުރިއަށް އޮތް 25 އަހަރުގެ ތެރޭގައި އިންޑިއާ ވެގެންދާނީ ގަދަ ތިން އިގްތިސާދުގެ ތެރޭގައި ކަމަށެވެ.
"ސޫރަތު ޑައިމަންޑް ބޯސް އަކީ މޯދީގެ ގެރެންޓީގެ މިސާލެއް… އަޅުގަނޑުގެ ތިންވަނަ ދައުރުގައި ދުނިޔޭގެ އެންމެ މޮޅު ތިން އިޤްތިޞާދުގެ ތެރޭގައި އިންޑިޔާ ހިމެނިގެންދާނެކަމުގެ ޔަޤީންކަންމި ޤައުމަށް ދީފިން. ކުރިއަށް އޮތް 25 އަހަރަށް ސަރުކާރުން ޓާގެޓް ކަނޑައަޅައިފި…"
މި މެގަސްޓްރަކްޗަރގައި ނުވަ ގްރައުންޑް ޓަވަރުގެ އިތުރުން 15 ފަންގިފިލާ ހިމެނޭއިރު އޮފީސް ޖާގައަކީ 300 އަކަފޫޓާއި 1 ލައްކަ އަކަފޫޓާ ދެމެދުގެ ޖާގައެކެވެ. މި ނުވަ ރެކްޓެންގަލަރ ޓަވަރު ގުޅިފައި ވަނީ ސެންޓްރަލް ސްޕައިނަކުންނެވެ. މި އިމާރާތަކީ އިންޑިއަން ގްރީން ބިލްޑިން ކައުންސިލް (އައިޖީބީސީ) ގެ ޕްލެޓިނަމް ރޭންކިން އޮންނަ އިމާރާތެކެވެ.
ޑައިމަންޑް ރިސާޗް އެންޑް މާކެންޓައިލް (ޑްރީމް) ސިޓީގެ ތެރޭގައި ހިމެނޭ މި އިމާރާތަކީ ދުނިޔޭގެ އެންމެ ބޮޑު އޮފީސް އިމާރާތުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑްސް އިން ބަލައިގެންފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.


