ޔޫރަޕަށް އުދުހެވޭ ވަރުގެ ބޮޑު ބޯޓެއް ހޯދަން މޯލްޑިވިއަން އަށް ފައިސާ ހަމަޖައްސައިދޭން ސަރުކާރުން ނިންމައިިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، މުހައްމަދު ޝަހީބު ވިދާޅުވީ ގައުމީ އެއާލައިންއަށް ވައިޑް ބޮޑީ އެއާ ކްރާފެއްޓެއް ހޯދަން ބޭނުންވާ ފައިސާ ފޯރުކޮށްދޭން މިއަދު އޮތް ކެބިނެޓުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.
"ރާއްޖޭގެ ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ނޮން ސްޓޮޕް ފްލައިޓްސް ފަށަން ވައިޑް ބޮޑީ އެއާކްރާފްޓެއް ހޯދުން، މި ފައިސާ ހަމަޖައްސާނީ ފިނޭންސަށް ލިބިފައިވާ ފައިނޭންސިން ފެސިލިޓީތަކުން. މިގޮތަށް ބޭނުންވާ ދެ އެއާ ކްރާފްޓް ގެނައުމަށް ވެސް ވަނީ ނިންމާފަ،" ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އޮޕަރޭޝަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ބައެއް ހިދުމަތްތަށް ހެޔޮ އަގުގައި ގައުމީ އެއާލައިނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
"މި މަޝްރޫއު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން ނެވިގޭޝަން އަދި ޕާކިންގެ އަގު ހެޔޮކޮށް ދިނުމާ ގުޅޭ ކަންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ މަޝްވަރާ ކުރައްވައިގެން ހަމަޖެއްސެވުން. މަންޒިލް ތަކަށް އުދުހެން ބޭނުންވާނެ އެހީތެރިކަން ހޯދަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމު ތަކުން ހޯދުން،" ޝަހީބު ވިދާޅުވި އެވެ.
ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން، ޝަހީބު ވިދާޅުވީ މިގޮތަށް މަންޒިލްތަށް ހަމަޖައްސާއިރު ޗައިނާގެ މަންޒިލް ތަކަށް އުދުހެން އިސްކަން ދޭނެ ކަމަށެވެ.
މޯލްޑިވިއަންއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެވެ. ނަމަވެސް ގައުމީ އެއާލައިންއަކީ އިންޓަނޭޝަނަލް ގިނަ މަންޒިލްތަކަށް އުދުހުމުގެ ކުޅަދާނަކަން ހުރި ކުންފުންޏެއް ނޫނެވެ. ސަބަބަކީ އެ ކުންފުނީގައި އެކަށީގެންވާ މަތިންދާ ބޯޓު ނެތުމެވެ. މީގެ ކުރިން އެ ކުންފުނީގައި އެއާބަސް އޭ320 ގެ ވައިޑް ބޮޑީ އެއާކްރާފްޓް ހުރިނަމަވެސް މިހާރު އޭގެ ބޯޓެއް ނެތެވެ.


