Tuesday, 28 July 2026

ޗައިނާއިން އާ ވައްތަރެއްގެ ނިއުމޯނިއާ އިންފެކްޝަނެއް ފެތުރެނީ

ޗައިނާގެ އުތުރުގެ ސަރަހައްދުތަކުގައި ފުއްޕާމެއަށް ޖެހޭ ނިއުމޯނިއާ އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ޗައިނާގެ އުތުރުން ނިއުމޯނިއާ ކްލަސްޓާއެއް ފެތުރެމުން އަންނަކަމަށް ބުނެފަ އެވެ. އަދި މިކަމާއި ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށްވެސް ސިއްހަތު ޖަމިއްޔާއިން ރަސްމީކޮށް ޗައިނާއަށް އަންގާފައިވާކަމަށް އެ ޖަމިއްޔާއިންވަނީ ބުނެފަ އެވެ.

ޗައިނާގެ އޮތޯރިޓީތަކުން ވަނީ އެޤައުމުގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާއެކު އެކި ކަހަލަ އިންފެކްޝަންތައް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާކަމަށް ބުނެފަ އެވެ. އެގޮތުން އިންފްލުއެންޒާ، ނިއުމޯނިއާ ފަދަ އިންފެކްޝަންތައް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ޖެހެމުން އަންނަކަމަށްވެސް ވަނީ ބުނެފަ އެވެ.

އަދި އަންގާރަ ދުވަހު އެޤައުމުގެ ސިއްހީ އިދާރާތކުން ވަނީ ނިއުމޯނިއާގެ ގޮތް ނޭނގޭ ވައްތަރެއް އެ ޤައުމުގެ ކުޑަކުދިންގެ މެދުގައި ފެތުރެމުންދާކަމަށް ބުނެފަ އެވެ. މި އިންފެކްޝަން އަކީ ކުރިން ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށްޖެހޭ އިންފެކްޝަންތަކާއި ގުޅުންހުރި ކަމެއްތޯ ނުވަތަ އާ ވައްތަރެއްގެ އިންފެކްޝަންތޯ އަދި ހޯދިފައި ނުވާކަމަށްވެސް އެ ޤައުމުން ބުނެއެވެ.

މިއަހަރުގެ އޮކްޓޯބަރ މަސްތެރޭގައި ޗައިނާގައިވަނީ އިންފްލުއެންޒާއާއި އެއްގޮތް ވައިރަހެއްވެސް ހަލުވިކަމާއެކު ފެތުރިފަ އެވެ.

ސިއްހަތު ޖަމިއްޔާއިން މިހާރުވަނީ ޗައިނާގައި ފެތުރެމުންދާ ނޭވާލާނިޒާމަށް ޖެހޭ އިންފެކްޝަންއިން ރައްކާތެރިވުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަންގާފަ އެވެ. އެގޮތުން ބަލިމީހުންނާއި ދުރުން އުޅުމާއި، މާސް އެޅުން އަދި އަތްދޮވުން ފަދަ ކަންކަން ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *