އަންނަ މަހު 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލީހުން އަންނަނީ ހަމަޖައްސަމުންނެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް އިއްޔެ ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދެއްވުމަށް މުއިއްޒު ބޭނުންފުޅުވެ އެވެ.
"އަޅުގަނޑާ މި ފަހުން ޓްރާންސިޝަން އޮފީހުގެ ބޭފުޅުންނާ ވެސް ބައްދަލުވި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު މެންދުރުފަހު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން" ނަޝީދު ވިދާޅުވި އެވެ.
އެ އިންޓަވިއުގައި ނަޝީދު ވިދާޅުވީ މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ވެސް ނުވާނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.


