Tuesday, 28 July 2026
ފޮޓޯ: ޕީޕީއެމް

މުއިއްޒުގެ ވެރިކަމެއްގައި މިހާރު 15 ޕަސަންޓްގައި އޮތް ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓަކަށް ހަދަނީ

2023 ރިޔާސީ އިންތިހާބު ކާމިޔާބުވެ، ވެރިކަން ލިބިއްޖެނަމަ މިހާރު 15 ޕަސަންޓްގައި އޮތް ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓަކަށް ހެދުމަކީ އުއްމީދެއް ކަމުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ އިގްތިސާދީ މެނިފެސްޓޯގެ މައުލޫމާތު ހިއްސާކުރުމަށް ރޭ މީރުމާ ހޮޓެލްގައި ބޭއްވި ފޯރަމެއްގައި މުއިއްޒު ވިދާޅުވީ ދައުލަތުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ފުދުންތެރި ދައުލަތެއް ބިނާކުރުމަށް މިސަރުކާރުން ކުރާ މަސައްކަތެއް ފެނިގެން ނުދާ ކަމަށެވެ. އެކަމަކު އޭނާގެ ވެރިކަމެއްގައި މިހާރު 15 ޕަސަންޓްގައި އޮތް ބަޖެޓް ޑެފިސިޓް ސިންގަލް ޑިޖިޓަކަށް ހެދުމަކީ އުއްމީދެއް ކަމުގައިވެސް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި 114 ބިލިއަނަށް އަރާފައިވާ ކަމަށާއި އޭގެ އިތުރުން ކުންފުނިތަކުގެ ދަރަނި މިހާރު ހުރީ 32 ބިލިއަން ރުފިޔާގައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ 10،000 ޑޮލަރު ކަމަށާއި އެއީ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ހުރި ވަރަށް ވުރެ 35 ޕަސެންޓުގެ އިތުރުވުމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު ލިބެނީ 12 ޕަސެންޓު ކަމަށާއި އާމްދަނީ އަށް ވުރެ ބޮލަކަށް ޖެހޭ ދަރަނި ބޮޑުވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ދެރައެއް. ރިޒާވް މިހާ ވަރަށް ތިރިވުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ފައިސާ ރައްކާކުރަން ރައީސް ޔާމީން ވެރިކަމުގައި އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 300 މިލިއަނެއްހާ ޑޮލަރު ހުއްޓާ މިސަރުކާރު ވެރިކަމާ ހަވާލުވެ އެ ފަންޑުގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށްފައިވާ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މި ކުރިމަތިލަނީ މިކަމާ. މިހާލަތާ. މި އިގްތިސާދު ވައްޓާލާފައިވައި އަނދަވަޅުން ނަގައި ކޮޅަށް ޖެހުމަށްޓަކައި ވަރުގަދަ އަޒުމެއްގައި،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *